ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް އޮތް ލައިސެންސެއް ނޫން ކަމުގައި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު ފައިސަލް މިހެން ވިދާޅުވެފައިވަނީ މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހު އަހުމަދު ފަތުހީގެ ބަންދު މުރާޖައާ ކުރުމަށް ހައިކޯޓުން އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުންނެވެ. އަދި އެވާހަކަތައް އިންޒާރެއްގެ ގޮތުގައި ނުވަތަ ނަސޭހަތެއްގެ ގޮތުގައި ބެލިޔަސް އެންމެ ރަނގަޅުކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
"ފަނޑިޔާރުން ހުކުމެއް ކުރުމަށް ނިންމާ ނިންމުމަށް އަމަލު ކުރާ ގޮތާމެދު ހިތްޕުޅު ހަމަނުޖެހޭ ކަމުގަ ވަންޏާ ތިބޭފުޅުންގެ ހައްގެއް ޖޭއެސްސީ އަށް ހުށަހެޅުން. އެކަމަކާ އަޅުގަނޑުމެން ފަރުވާލެއް ނެތް. އިއުތިރާޒެއްވެސް ކުރަނީއެއް ނޫން. އެހެންނަމަވެސް ޕްރޮސެކިއުޝަންއަށް ނުވަތަ ޕްެރޮސިކިއުޓަރ ޖެނެރަލްއަށް ނުވަތަ އޮފީހަށް އެއްވެސް ހާލެއްގައި ލިބިގެން އޮންނަ ލައިސެންސެއް ނޫން ފަނޑިޔާރުން ހަވަރަށް ދިނުމަކީ އިނގޭތޯ،" ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.
ފަނޑިޔާރު މިހެން ވިދާޅުވެފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އެ މައްސަލާގައި ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައި އޭގައި ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާތީއެވެ. އަދި ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަަޅަން މަޝްވަރާކުރަމުންދާ ވާހަކަ ޕީޖީގެ ފަރާތުން މީޑިއާގައި ބުނެފައިވާތީއެވެ.
ޕީޖީގެ ފަރާތުން އެމޭރުމުން މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އަދި ނޫސްތަކުން އެފަދަ ހަބަރު ފެނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ހިނގަމުންދާ މައްސަލައެއްގައި ނުފޫޒު ފޯރުވުމަށް ކުރެވޭ ކޮންމެ ކަމަކަށް އަޅަންޖެހޭ ފިޔަވަޅެއް ކޯޓުން ވެސް އަޅާނެ،" ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.
ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. މި މައްސަލަ ސައްމާހުގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގައެވެ. އަދި ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުގެ ޝަރީއަތް ނިމެންދެން ސައްމާހު ބަންދުކޮށްދިނުމަށް އެދުމުން ހައިކޯޓުން ނިންމީ ސައްމާހު ބަންދު ކުރާނެ ތަނެއް ނެތް ކަމަށެވެ.
ހައިކޯޓުން ސައްމާހު ބަންދު ކޮށްދީފައި ނުވާތީ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ނިންމީ 7 ދުވަހުގެ ތެރޭގައި ހައިކޯޓުން ބަންދާމެދު ގޮތެއް ކަނޑައަޅަންދެން ސައްމާހު ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށެވެ. އެހެންނަމަވެސް 7 ދުވަސް ފާއިތުވެގެން ދިޔައިރުވެސް ހައިކޯޓުން ބަންދާމެދު ގޮތެއް ނިންމާފައިނުވެއެވެ.
ހައިކޯޓުގެ މައްސަލަ ބައްލަވާ ރިޔާސަތު ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވީ، ސުޕްރީމް ކޯޓުން މައްސަލަ ނިންމެވި އިރު ހައިކޯޓުގައި މި މައްސަލަ ބަލާ ބެންޗު އެއްކޮށް ތިބީ ޗުއްޓީގައި ކަމަށާއި އޮންލައިން މައްސަލަ ބޭއްވުމަށް ނުވަތަ ބެންޗް ބަދަލު ކުރުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެގޮތަށް އަމަލު ކުރެވެން ނެތުމުން ހަސްމުންނަށް އެކަން އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.



