ޓިޗަރުންނަށް ބެލުމެއް ނެތި ގަޑުބަޑުކޮށްފައި އޮތް ތައުލީމީ ނިޒާމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި ނިޒާމުގެ ތެރެއިން ޓީޗަރުންނަށް ތަސައްލީ ދޭން ޖެހޭ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަފީއު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމު އޮތީ އެއްވެސް ވަރަކަށް ޓީޗަރުންނަށް ބެލުމެއް ނެތި ގަޑުބަޑުކޮށްފައި ކަމަށާއި އެ ނިޒާމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.
"ޓީޗަރުންނަކީ ރެއާއި ދުވާލު އެ ބޭފުޅުންގެ އާއިލާ ގުރުބާންކޮށް، ވަގުތު ގުރުބާންކޮށް އަދި އެއްވެސް ވަރެއްގެ ސައިކޮލޮޖިކަލް ވެލްބީންގަކަށް ބެލުމެއް ނެތި މުޅި ނިޒާމް އެކުލަވާލެވިފައިވަނީ. މިފަދަ ގަޑުބަޑުކޮށްފައި އޮތް ނިޒާމެއް އަޅުގަނޑުމެން މިދަނީ ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރަމުން،" ޝަފީޢު ވިދާޅުވިއެވެ.
ޝާފިއު ވިދާޅުވި ގޮތުގައި މުދައްރިސުންގެ މުސާރަ ބޮޑުކުރި ނަމަވެސް އެ މުދައްރިސުންގެ ޤަދަރާއި އިޙުތިރާމް ވަނީ ވަރަށް ބޮޑަށް ދުއްވާލެވިފައެވެ. ލިބިފައި ހުރި ޝަކުވާ ތަކާއި ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު 20 އަށް ވުރެ ގިނަ ސްކޫލްތަކުގެ ޕްރިންސިޕަލުން، ހުންނަން ޖެހޭ ސްކޫލް ނޫން އެހެން ސްކޫލްތަކަށް ބަދަލު ކުރުމާއި 300 އެއްހާ މުދައްރިސުންނަށް އުސޫލުތަކުގެ ބޭރުން ފިޔަވަޅު އަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭގެ ސަބަބުން ޓީޗަރުންގެ ތެރޭގައި ބިރުވެރިކަން އުފެދި ދާއިރާގެ އަގު ވެއްޓިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޓީޗަރުންނަކީ ގަދަރުވެރި ބަޔަކަށް ހަދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން އިއްޔެ ދިރާސީ އައު އަހަރު ފެށިގެން ކުރިޔަށްދާއިރު ތައުލީމީ ދާއިރާއަށް އަލަށް ގުޅުނީ އެންމެ 48 ދިވެހި ޓީޗަރުން ކަމަށް ވަޒީރު ވަނީ ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ސްކޫލްތަކަށް ބަލާއިރު މަދު އަދަދެއް ކަމަށާއި މުދައްރިސުން ސްކޫލުގައި ހޭދަކުރަން ޖެހޭ ވަގުތު އިތުރުވުމަކީ ވެސް ދާއިރާއަށް ދިވެހީން ޝައުގުވެރިނުވާ ސަބަބެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކޮންފިޑެންސް އެބަދޭންޖެހޭ ޓީޗަރުންނަށް، ޓީޗަރުންނަށް ނިޒާމުގެ ތެރެއިން ތަސައްލީ ދޭން އެބަޖެހޭ. އޭރުން އެބޭފުޅުން މަސައްކަތް ކުރާނެ އެބޭފުޅުންގެ ސެކްޓާއަކީ އެއީ އަގުހުރި އަބުރުވެރި ޤަދަރުވެރި ސެކްޓާއެއްގެ ގޮތުގައި ދެއްކުމަށް." ޝަފީއު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސޯޝަލް މީޑިއާގައި ޓީޗަރުން ފާޅުކުރަމުންދާ އުދާސްތައް ނޯޓުކުރަމުންދާ ކަމަށާއި އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޓީޗަރުންގެ ދުޅަހެޔޮ ސިއްޚަތަށް އަބަދުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވާ ކަމަށާއި ޓީޗަރުންނަކީ އަބުރުވެރި ބައެއްގެ ގޮތުގައި ބައްޓަންވެގެން ދިޔުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.



