ރޭ އިޒްރޭލުން ދިން ވައިގެ ހަމަލާ ތަކުގައި ފަލަސްތީނުގެ 35 މީހުން ޝަހީދުވެ ޑަޒަނެއްހައި މީހުން ޒަހަމް ވެއްޖެ ކަމަށް ފަލަސްތީނުގެ އެމަޖެންސީ ސާވިސް އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސްއިން ބުނެފިއެވެ. އިޒުރޭލުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އެހެން ހަބަރުތައް ބުނާގޮތުގައި ނަސްލު ނައްތާލުމަށްޓަައި އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުގައި ރޭ ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ރަފާގެ އަންހެނުންނާއި ކުޑަކުދީންނެވެ.
ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުން ހުޅަނގާއި އެމެރިކާގެ މަދަދާއިއެކު ހިންގާ ޖަރީމާގައި ފަލަސްތީނުގެ 37 ހާހަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު ގައްޒާގެ 370،000 އަށްވުރެ ގިނަ ގެ ވަނީ ބިމާއި ހަމަކޮށްފައެވެ. 10،000 އަށްވުރެ ގިނަ މީހުން އިމާރާތްތަކުގެ ގައުކުނޑިތަކުގެ ތެރެއަށް ގެއްލިފައިވާއިރު އިޒްރޭލުން ހިންގާ ޖަރީމާތައް ފޮރުވުމުގައި ހުޅަނގުގެ މީޑިއާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.


