ބޯހިޔާވަހިކަމާއި ޞިއްޙަތާއި ތަޢުލީމަށް ވެފައިވާ ހުރިހާ ވަޢުދެއް އައު ބަޖެޓުން ފަށްޓަވާނެ

އާނާ ފަހީމް | 421 ދުވަސް ކުރިން - 9 ޑިސެންބަރު 2024 16:37
ރައީސް ކ.ހުރާގައި ރައްޔިތުންނާ މުޙާތަބުކުރައްވާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
ރައީސް ކ.ހުރާގައި ރައްޔިތުންނާ މުޙާތަބުކުރައްވާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް މުޢިއްޒު ހުރާ ރައްޔިތުންނާ ބައްދަލުކުރައްވައި، 2025 ވަނަ އަހަރު ބޯހިޔާވަހިކަން، ސިއްޙަތު އަދި ތަޢުލީމުގެ ދާއިރާތަކުން ވެފައިވާ ވަޢުދުތަކުގެ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވެއްޖެ.

ބޯހިޔާވަހިކަމާއި، ސިއްޙީ އަދި ތަޢުލީމީ ދާއިރާއިން ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ތަރުތީބެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މާލެއަތޮޅު ހުރާ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކަނޑައަޅުއްވައި ތަރުތީބުގައި އެންމެ އިސްކަންދެއްވާފައިވާނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށެވެ. އޭގެފަހުން، ސިއްޙީ އަދި ތަޢުލީމީ ދާއިރާއިން ވަޢުދުވެވަޑައިގެންފައިވާ މަޝްރޫއުތައް ހިންގުމަށް އިސްކަންދެއްވާކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މިފެށޭ 2025 ވަނަ އަހަރު މި ތިން ދާއިރާއިން ވަޢުދުވެ ވަޑައިގެންފައިވާ ހުރިހާ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށްޓަަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަންނަ އަހަރަކީ ޢުމްރާނީ ތަރައްޤީ ބިނާކުރުމުގެ ޢަމަލީ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެށިގެން ކުރިއަށްދާނެ އަހަރުކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަންދެއްވަނީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް ކަމަށެވެ. އެގޮތުން ހުރާގެ ތަރައްްޤީއަށް ރާވާފައިވާ މަސައްކަތްތައް ރައީސް ތަފްސީލް ކޮށްދެއްވިއެވެ.

ހުރާގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އަންނަ އަހަރު އެރަށު ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އަޅުއްވައިދެއްވާނެ ކަމަށާއި، ސިއްޙީ މަރުކަޒުގައި ސްކޭންގެ ޚިދުމަތާއި އެނޫންވެސް ރައްޔިތުން މުހިންމު ޚިދުމަތްތައް އަންނަ އަހަރު ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިދިޔަ ސަރުކާރުގައި ފަށައި ހުއްޓިފައި އޮތް ބަނދަރުގެ މަސައްކަތް، ރައްޔިތުން އެންމެ އެދޭގޮތަށް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

"ތަރައްްޤީގެ މަސައްކަތް ހުރާގެ ރައްޔިތުން އެދޭގޮތަށް، ޖުމްލަކޮށް މުޅި ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް، އަޅުގަނޑު ވެފައިވާ ވަޢުދުތައް ފުއްދުމަށް 2025 އަދި 2026 ފެށޭނެ. އަންނަ އަހަރު އެންމެ ގިނަ މަޝްރޫޢު ފެށޭނެ. އަނެއް އަހަރު އިތުރު މަޝްރޫޢުތައް ފެށޭނެ. މި ދެއަހަރަކީ އަޅުގަނޑު ވަޢުދުވެފައިވާ މަޝްރޫޢުތައް ހިންގާނެ ދެއަހަރު". ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި ބޯހިޔާވަހިކަމާއި، ސިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއަށްފަހު ދެން އިސްކަންދެއްވާނީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށާއި، މަގުހެދުމާއި އިޖްތިމާޢީ ދާއިރާއާއި އެނޫން ވެސް އެހެން ހުރިހާ ދާއިރާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

މި ބައްދަލުވުމުގައި ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢު ތަކަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަމާޒު ކޮށްފައިވާ މަޝްރޫޢުތަކެކެވެ. އަދި މި މަޝްރޫޢުތައް ކާމިޔާބު ކަމާއެކު ތަންފީޛު ކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%