ތިމާވެށީގެ ނުރައްކާތައް ކުޑަކުރުމަށް ހަރުދަނާ ޕާޓްނަޝިޕްތަކާއި އާ ހައްލުތަކެއް ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ މަތީ ފެންވަރުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އެސްއައިޑީއެސް/ސިޑްސް) އަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ .
މޫސުމަށް އަންނަ ބަދަލުތަކާއި، އިގްތިސާދީ ނާޒުކުކަމާއި، ވަސީލަތްތައް މަދުވުމާ ގުޅޭގޮތުން ޖަމާޢަތުގައި ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް އެހީތެރިވެދޭ އިންވެސްޓްމަންޓްތަކަށް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމުގައި ޕްރައިވެޓް ސެކްޓާވެސް މުހިންމު ދައުރެއް އަދާކުރުމަށް ، ސެންޑަލްސް ގްރާންޑޭ އެންޓިގޫއާގައި ބޭއްވި ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.



