މަސްވެރިކަމުގެ ކޮލެޖުގެ ޕްރޮގްރާމްތައް އޮގަސްޓް މަހު ފަށާނެ ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރ އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރިކަމާ ގުޅޭ ތަމްރީނު ދޭނެ އިންސްޓިޓިއުޓެއް ޤާއިމްކުރުމަކީ މިނިސްޓްރީގެ ޤާނޫނީ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށާއި، ޤައުމީ ޔުނިވަރސިޓީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ އިންސްޓިޓިއުޓްގެ ކިޔެވުން އަންނަ އޮގަސްޓް މަހު ފެށޭނެ ކަމަށެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މި އިންސްޓިޓިއުޓް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީއާއި ޤައުމީ ޔުނިވަރސީޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
މި އިންސްޓިޓިއުޓްގައި ކިޔަވައިދޭ ކޯސްތައް ފަރުމާކޮށްފައިވަނީ މަސްވެރިކަމާ ބެހޭ މިނިސްޓްރީންނެވެ.
މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައިވެސް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ. އެގޮތުން ޗައިނާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މެރިން އިންޖިނިއަރުންނާއި ރެފްރިޖަރޭޝަން ޓެކްނީޝަނުންނާއި ފިޝިންގ ގިއާ ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



