މި އަހަރު ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ލިބޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙައްޖުގެ އަޅުކަމުގައި އުޅޭއިރު މިނާ ޓެންޓްގައި ހޭދަކުރާ ދުވަސްތަކަކީ ދިވެހި ޙާޖީން ކެއުމުގައި ބޮޑު ތަކުލީފުތަކެއް އުފުލަމުންދާ ދުވަސްތަކަކަށްވާތީ، އެކަމަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
މީގެ ސަބަބުން ކުރިން ދިވެހިން އުފުލަމުންއައި ތަކްލީފަށް ލުޔެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކަންތައްތައް ފަސޭހަކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އެ ކޯޕަރޭޝަނުން ވަނީ މި އަހަރު ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޙައްޖަށް ދާ ޙައްޖާޖީން އުޅޭތަން ވަގުތުން ބެލޭނެ ގޮތް ހެދުމަށް ޓްރެކިންގ ޑިވައިސް އެއް ދިނުމަށް ނިންމާފައެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ ޓްރެކިންގ ޑިވައިސްގެ ޒަރިއްޔާއިން، ޙައްޖާޖީން ތިބޭ ތަން ވަގުތުން އެނގޭނެ ކަމަށެވެ. އަދި މަގު އޮޅުން ފަދަ ކަމެއް ޙައްޖާޖީއަކަށް ކުރިމަތިވެއްޖެނަމަ އެ ޑިވައިސް އަށް ފިއްތާލައިގެން އެމީހަކު ގެއްލިފައިވާކަން އެނގޭނެ ކަމަށެވެ.
މީގެ ކުރިން ބައެއް ޙައްޖާޖީން ގެއްލުމުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކޮށް ޙައްޖު ކޯޕަރޭޝަނުން ވަނީ އަމިއްލައަށް ތަންތަނަށް ދާއިރު އެ ކޯޕަރޭޝަނުގެ އިސް މީހުނަށް އެންގުމަށްވެސް އިލްތިމާސްކޮށްފައެވެ.



