މާލެ އާއި މ. އަތޮޅާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އާއި އެމްޓީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ހ. މީރުމާގައި ބޭއްވި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ޝަމީމް އާއި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު އެވެ.

މި ހައި ސްޕީޑް ފެރީ ހިދުމަތުގައި ހަފްތާއަކު ދެ ދަތުރު ޝެޑިއުލް ކުރާނެ އެވެ. އަދި ދަތުރެއްގެ އަގަކީ 450ރ. އެވެ.

މީގެ އިތުރުން ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް)ގެ ހިދުމަތް ނ، ރ އަދި ބ. އަތޮޅަށް ފުޅާކުރުމަށް ވެސް މިއަދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ޝަހާނާ އާއި އެމްޓީސީސީގެ ފަރާތުން ސީއީއޯ އަބްދުﷲ ޒިޔާދެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ، އާރުޓީއެލް ހިދުމަތް ފެށުމުން އެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބޭނެ ކަމަށެވެ.

"މިކަމުން ބޭސްފަރުވާ އާއި ވަޒީފާއާއި އެކި ބޭނުންތަކަށް އެކި ރަށްރަށަށް ދިއުމުގެ ތަކުލީފު ކުޑަވާނެ. އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ އިޖްތިމާއީ ގުޅުންތައްވެސް ބަދަހިވާނެ." އޭނާ ވިދާޅުވި އެވެ.