ގަލޮޅު ދަނޑުގައި ހުންނަ މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޮފީހަށް މިއަދު ފުލުހުން ވަދެއްޖެއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެފައިވަނީ މިއަދު ހެނދުނު ކަމަށެވެ.
އެފްއޭއެމް އަށް ބޭރުގެ ޖަމާޢަތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ޢަމަލުތަކެއް ހިންގާކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަށް މިދިޔަ އަހަރު ފުލުހުން ވަނީ އެފްއޭއެމްގެ މައި އިދާރާއަށްވެސް ވަދެފައެވެ. އެފަހަރު އެތަނުގައި ހުރި ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑަރިން އާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ދަޢުވާތަކެއް ކްރިމިނަލް ކޯޓުގައި މިހާރު ހިންގަމުން އަންނަ އިރު، ބައްސާމް މަޤާމުން ވަކިކުރެވޭތޯ ރާއްޖޭގެ ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބައްސާމްގެ މައްޗަށް ޕީޖީ އިން އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ނަމަ، 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ހިޔާނާތުގެ ކުށް ސާބިތުވެއްޖެ ނަމަ، 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.



