ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު އެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރަނގަޅަށް ތައްޔާރުވެފައި ނުވާ ކަމަށް އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާ ދިރާސީ އަހަރެއް ފެށިގެން ދާއިރު އެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނުވާ ކަމަށާއި، ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށް ބުނެފައެވެ.
އެމްޑީޕީން ބުނީ ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނު އިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުން ކަމަށާއި ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާވެސް ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމާ ނުރުހިގެން ސޯޝަލް މީޑިޔާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް އެމްޑީޕީއަށް ލިބެމުން އަންނަ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ ދިރާސީ ކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއްނެތި އެކިފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅިތަރުތީބަށްނުހަނު ބޮޑެތި ގެއްލުންލިބެމުން ދާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށެވެ. އަދި ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ އެ ޕާޓީން އެދެނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެކުދިންނާއި އެ ބޭފުޅުން ސަލާމަތްވުން ކަމަށެވެ. އެގޮތުން މިއަދު ފެށުނު ދިރާސީ އާ އަހަރު އެޑިޔުކޭޝަން މިނިސްޓްރީން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތަޢުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފައެވެ.



