ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ކުދިން އަންނަ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި އިއުލާނު ކުރާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީޢު ވިދާޅުވީ ލޯނު ނަގައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޑް ލޯނަށް އެދުމަށް ހުޅުވާލި ފުރުޞަތުގައި 1700 އަށް ވުރެ ގިނަ ދަރިވަރުން ފޯމު ހުށަހަޅާފައިވާކަމަށެވެ.
ޝަފީޢު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ޝަރުތުހަމަވާ ކުދިން ދެނެގަތުމުގެ މަސައްކަތް ކަމަށާއި، އަންނަ ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް ހޮވުނު ކުދިން އިއުލާނުކުރެވިގެންދާނެ ކަމަށެވެ.
ޝަފީޢު ވިދާޅުވީ ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރޭގައި މިހާރުވެސް ތަޢުލީމް ހާޞިލްކުރަމުން އަންނަ ދަރިވަރުންވެސް ހިމެނޭ ކަމަށެވެ. އަދި ލޯނަށް ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން އެއްވެސް ލިޔެކިޔުމެއް މަދުވެފައވާ ދަރިވަރުންނަށް އެ ލިޔުންތައް ހަމަކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޝަފީޢު ވިދާޅުވިއެވެ.
ސްޓޫޑަންޑް ލޯނު ސްކީމްގެ ދަށުން މިފަހަރު ހުޅުވާލާފައިވަނީ 500 ފުރުޞަތެވެ. އޭގެ ތެރެއިން 370 ފުރުޞަތު އަލަށް ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުންނަށް ޚާއްސަކޮށްފައިވާއިރު، 130 ފުރުޞަތު ޚާއްސަކޮށްފައިވަނީ ކިޔަވަމުންދާ ކެޓަގަރީއަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި ލޯނު ސްކީމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޚާއްސަކޮށްފައިވާ ކަމަށެވެ. އެގޮތުން އެފަދަ ކުދިންގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ޙަރަދު ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ހަރަޔ އެޑިއުކޭޝަންގެ މިނިސްޓަރ ޑރ މަރިޔަމް މާރިޔާ މީގެ ކުރިން ވިދާޅުވެފައިވަނީ ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.



