ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މުޅި ރާއްޖެއަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. އަދި އަންނަ ބުދަ އަދި ބުރާސްފަތި ހިސާބުގައި ރާއްޖޭހެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، އެ ދެ ދުވަހު ވައި އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މޫސުން ގޯސްވުމާ ގުޅިގެން ރަށްރަށުގައި ޗުއްޓީ ހޭދަކުރަން ގޮސް ތިބި މީހުންނަށް އަނބުރާ ރަށަށް ދިއުމަށް ރައްކާތެރި ނުވުމުން މިއަދު ފެށި ދިރާސީ އާ އަހަރުގެ ކިޔެވުމުގެ ވަގުތުވެސް ފުރަތަމަ 3 ދުވަހު ވަނީ ކުރުކޮށްފައެވެ.



