މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ މެޖޯރިޓީ އޮތް ކުޅުދުއްފުށީ ސިޓީ ކައުންސިލު ގެ ޚަރަދުގައި ރާއްޖެ ޓީ.ވީ. އަށް ޚަރަދު ކޮށްގެން ޖަލްސާއެއް ލައިވް ކޮށްފިއެވެ.
އިއްޔެ ރޭ ޕީ.އެން.ސީ.ގެ ސަރުކާރާއި ދެކޮޅަށް ކުޅުދުއްފުށީ ގައި އެމް.ޑީ.ޕީން ބޭއްވި ޖަލްސާ ކަވަރު ކުރުމަށް ރާއްޖެ ޓީވީން ގެނައި 3 މީހަކަށް ހުރުމާއި ކެއުމާއި ދެކޮޅު ޓިކެޓު ދިނީ ކުޅުދުއްފުށީ ސިޓީ ކައުންސިލު ގެ ބަޖެޓުންނެވެ.
މަޢްލޫމާތު ލިބިފައިވާ ގޮތުން އެޖަލުސާ ކަވަރު ކުރުމަށް ރާއްޖެ ޓީ.ވީ.ފިޔަވައި ރާއްޖޭގެ އެއްވެސް މީޑިއާއަކަށް ދަޢުވަތު ދީފައެއް ނުވެއެވެ. އެޖަލުސާ ކަވަރު ކުރުމަށް ރާއްޖެ ޓީ ވީ ގެނައުމަށް ހުށަހެޅުއްވި ކަމަށް ޔައުމިއްޔާ އިން އެނގެން އޮތީ އެސިޓީ ގެ މޭޔަރެވެ.،އެހުށަހެޅުން ފާސްކޮށްފައި ވަނީ އެކައުންސިލްގައި ހިމެނޭ އެމް.ޑީ.ޕީ. އަށް ނިސްބަތްވާ ކައުންސިލަރުންގެ އިއްތިފާޤުން ކަން ވެސް ޔައުމިއްޔާ އިން އެނގެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލު ގައި ވެރިކަންކުރާ ޕީ.އެން. ސީ. ގެ އެންމެ މެންބަރަކު ފިޔަވައި ދެން މުޅިން ވެސް ތިއްބެވީ އިދިކޮޅު އެމް.ޑީ.ޕީ.ގެ މެންބަރުންނެވެ. އެމް.ޑީ.ޕީ. ގެ ޖަލްސާ ކަވަރު ކުރުމަށް ކައުންސިލުގެ ޚަރަދުގައި ރާއްޖެ ޓީ.ވީ. ގެ ކްރޫވް ގެނައުމަށް ނިންމެވި ކައުންސިލުގެ ޖަލްސާ ގައި ޕީ.އެން.ސީ.ގެ މެންބަރު ބައިވެރިވެފައި ވާކަން ޔައުމިއްޔާ އިން އެނގޭކަށް ނެތެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް މިލިޔަން ރުފިޔާ ދެމުން ދާއިރު ޕާޓީ ތަކުގެ މެޖޯރިޓީ އޮންނަ ކައުންސިލުތަކުން އަމިއްލަ ޕާޓީ ގެ ސިޔާސަތުތައް ތަންފީޛު ކުރުމަށް ދައުލަތުގެ ފައިސާ ޚަރަދު ކުރުމަކީ، ދައުލަތުގެ މުދަލާއި ފައިސާ ޚަރަދު ކުރުމާއި ބެހޭ އުޞޫލުތަކާއި ޚިލާފު ދައުލަތަށް ގެއްލުން ބޮޑު ކަމަކަށް ވެދާނެ ކަމެކެވެ.
ކޮންމެ ކައުން ސިލަކުން ކައުންސިލްތަކަށް ލިބޭ ފައިސާ ހިތުހުރި ގޮތަކަށް ޚަރަދު ކުރުމުގެ ފުރުޞަތު އޮވެގެން ވާނެކަމަކަށް ނުފެނެއެވެ. ދާދި ފަހުން ހދ އަތޮޅު ކައުންސިލުން ވެސް ބެންކޮކަށް ކުރި ދަތުރަކަށް އުޞޫލުތަކާއި ޚިލާފަށް ނުވަލައްކަ އަށްވުރެ ބޮޑު ޢަދަދެއް ޚަރަދު ކޮށްފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. ވެރިކަމަށް އައުމުގެ މަޤުޞަދަކީ، ދައުލަތުގެ ބައިތުލްމާލަށް ދަހިވެތިވުންކަމަށްވާ ނަމަ ހުރިހާ ބުރައެއް އުފުލަން ޖެހޭނީ ، ރައްޔިތުންކަމުގައި ގިނަބަޔަކު ދެކޭކަން ފާހަގަކުރެވެއެވެ.



