ދެކުނު ކޮރެއާގެ ކޯޓަކުން އެޤައުމުގެ ރައްޔިތަކު ގަސްދުގައި ބަރުދަން އިތުރުވި މައްސަލައިގައި އޭނާއަށް އަދަބު ދީފިއެވެ. އޭނާއްށް އަދަބު ދިނީ އަސްކަރީ ޚިދުމަތުން ސަލާމަތްވުމަށް މަސައްކަތް ކުރި ކަމަށް ބުނެއެވެ.
އެސޯސިއޭޓެޑް ޕްރެސް ނޫސް އެޖެންސީން ބުނާ ގޮތުގައި ސޯލްގެ ކޯޓަކުން ބުނެފައި ވަނީ ސިފައިންގެ ގޭގައި މަސައްކަތް ކުރުމުން ސަލާމަތްވުމަށް 20 ކިލޯ އިތުރުކުރި ރައްޔިތެއްގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށެވެ. ނަމަވެސް މި ހުކުމް ވަގުތުން ތަންފީޒު ނުކޮށް ދެ އަހަރަށް ސަސްޕެންޑް ކުރާނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.
ދެކުނު ކޮރެއާގައި ކޮންމެ ރައްޔިތަކު ދޮޅު އަހަރާއި 21 މަސް ދުވަހުގެ މުއްދަތަށް އަސްކަރިއްޔާގައި ޚިދުމަތް ކުރަން ޖެހެއެވެ. އަސްކަރީ ނޫން މަޤާމުތަކަށް ފޮނުވަނީ ސިއްޙީ މައްސަލަތައް ހުންނަ މީހުން އެކަންޏެވެ.
ކޯޓުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ކުށް ސާބިތުވި މީހާ ބަރުދަން އިތުރު ކުރުމަށްޓަކައި ކެލޮރީ ގިނަ ކާނާ ކައި، ވަޒީފާ ދޫކޮށްލައި، އަދި އިމްތިޙާނުގެ ކުރިން ގިނައިން ފެންވެސް ބޮއެފައިވެއެވެ. މި ގޮތުން 2017 ވަނަ އަހަރު 83 ކިލޯ ހުރި ބަރުދަން 2022 އަދި 2023 ވަނަ އަހަރު 102 ކިލޯއާއި 105 ކިލޯއާއި ދެމެދަށް އިތުރުކޮށްފައިވެއެވެ.
ކޯޓުން ބުނެފައިވަނީ ހުކުމް އިއްވި ވަގުތު އެ މީހާ އަސްކަރީ ޚިދުމަތް ފުރިހަމަކުރަން ވަޢުދުވި ކަމަށެވެ. މި ނިންމުމާ ދެކޮޅަށް ދަޢުވާ ލިބޭ ފަރާތުން އަދި ދައުލަތުގެ ފަރާތުން ވެސް އިސްތިއުނާފު ކޮށްފައެއް ނުވެއެވެ.
ދެކުނު ކޮރެއާގައި އުތުރު ކޮރެއާގެ ނުރައްކަލަށް ބަލާއިރު، ކޮންމެ ރައްޔިތަކުވެސް އަސްކަރީ ތަމްރީނު ފުރިހަމަކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެހެންނަމަވެސް، މިލިޓަރީ މެންޕަވަރ އެޑްމިނިސްޓްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު 50 އާއި 60 އާ ދެމެދުގެ އަދަދަކަށް އަސްކަރީ ތަމްރީނުތަކުން ސަލާމަތްވުމުގެ މައްސަލަތައް ރިޕޯޓުކުރެވެއެވެ.



