ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް އިއުލާނުކުރައްވައި ފަހުން އަނބުރާ ގެންދެވި އަސްކަރީ ގާނޫނުގެ ސަބަބުން އެ ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ދިފާއީ ވަޒީރު ކިމް ޔޮންގް ހިޔުންގް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޔޫން ވަނީ ކިމްގެ އިސްތިއުފާ ގަބޫލުކުރައްވައި، އާ ދިފާއީ ވަޒީރަކު އައްޔަންކުރައްވާފައެވެ. އާ ދިފާއީ ވަޒީރަކަށް އައްޔަންކުރައްވާފައިވަނީ ސައުދީ އަރަބިއާގައި ހުންނަ އެ ގައުމުގެ ސަފީރު ޗޮއި ބިޔުންގް ހިއުއެވެ.
ޔޫންގެ ޗީފް އޮފް ސްޓާފް ޗަންގް ޖިންސުކް ވިދާޅުވީ، ޗޮއި އަކީ ކުރިން ދެކުނު ކޮރެއާ-އެމެރިކާ ކޮމްބައިންޑް ފޯސަސް ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރެއްގެ މަގާމު އަދާކުރެއްވި ރިޓަޔާޑް ސިފައިންގެ ޖެނެރަލެއް ކަމަށްވާތީ އާ ދިފާއީ ވަޒީރުގެކަމުގެ މަގާމަށް ފިޓްވާނެ ކަމަށެވެ.
އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމާއި ގުޅިގެން އާންމުންގެ ރުޅިވެރިކަމާއި އިދިކޮޅު ޕާޓީތަކުން ޔޫން ކުށްވެރިކުރާ ދަނޑިވަޅެއްގައި ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ.
އަސްކަރީ ގާނޫނު އިއުލާނުކުރައްވައި ޔޫންގެ ސަރުކާރުން ވަނީ، އާންމުންގެ ގިނަ ހައްގުތަކެއް ހަނިކޮށްފައެވެ. އޭގެ ތެރޭގައި ހުރިހާ ސިޔާސީ ހަރަކާތްތަކެއް މަނާކުރުން ހިމެނެއެވެ. ނަމަވެސް، ޔޫންގެ އަމިއްލަ ޕާޓީ ކަމަށްވާ ޕީޕަލް ޕަވާ ޕާޓީން ވަނީ ރައީސް މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތްތަކާ ދެކޮޅު ހަދާނެ ކަމަށް ބުނެފައެވެ.



