އުރުދުންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރަސްގެފާނު އަބްދުالله ބިން އަލް-ހުސައިން ދެވަނަ އާއި ބޮޑުވަޒީރު ބިޝަރް އަލް ހަސަވްނީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެ ގައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ އެ މަނިކުފާނުގެ ފަރާތްޕުޅުން، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު އެ ގައުމުގެ ރަސްގެފާނާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި ދެ ގައުމުގެ ދެމެދު އޮންނަ އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގެންފައެވެ.
އެމަނިކުފާނުގެ މެސެޖުފުޅުތައް ނިންމަވާލައްވާފައި ވަނީ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން، އަދި އެ ގައުމަށާއި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.



