ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ.ގެ އެޖެންސީ (އަންރާ) އަށް އަލުން އެހީ ދިނުން ފައްޓަން ނިންމާފައިވާކަން އިޓަލީވިލާތުން އިއުލާނުކޮށްފި އެވެ. އިޓަލީ ހިމެނޭ ގޮތަށް ހުޅަނގުގެ ގިނަ ގައުމުތަކަކުން އަންރާއަށް ދެމުން އައި އެހީތައް މަޑުޖައްސާލީ 7 އޮކްޓޯބަރުގައި ހަމާސް އިން ދިން ހަމަލާގައި އަންރާގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އިޒްރޭލުން ޖަނަވަރީ މަހު ތުހުމަތު ކުރުމާ ގުޅިގެންނެވެ.ނަމަވެސް ފަރަންސޭސިވިލާތުގެ ކުރީގެ ހާރިޖީ ވަޒީރު ކެތެރިން ކޮލޮނާ އިސްވެ ހުންނަވާ ކުރިއަށް ގެންދިޔަ ތަހްގީގުން އިޒްރޭލުގެ މި ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ހޯދިފައެއް ނުވެ އެވެ.އޮކްޓޯބަރު 7ގެ ހަމާސް ހަމަލާއާ ގުޅިގެން އިޒްރޭލުން ފެއްޓި އަނިޔާވެރި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 35،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވެ އެވެ. ހަމާސްގެ ހަމަލާގައި އިޒްރޭލުން 1،100 މީހުން މަރާލައި 250 އެއްހާ މީހުން ރަހީނު ކުރި އެވެ.ގާޒާއަށް އެހީ ވެއްދިޔަނުދޭން އިޒްރޭލުން ކުރިމަތި ކުރުވަމުންދާ ހުރަސްތަކާ ގުޅިގެން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން ހިމެނޭ ގޮތަށް އަންރާއަށް އެހީ ދިނުން ހުއްޓާލި ގިނަ ފަރާތްތަކަކުން މިހާރު ވަނީ އެ ޖަމިއްޔާއަށް އަލުން އެހީތައް ދޭން ފައްޓާފަ އެވެ."ފަލަސްތީނުގެ ރެފިއުޖީންނަށް އަމާޒުކޮށް އެހީ ފޯރުކޮށްދޭ ބައެއް ޕްރޮޖެކްޓުތަކަށް އެހީ ދިނުން އަލުން ފައްޓަން އިޓަލީން ނިންމައިފިން. ނަމަވެސް އެއީ ޓެރަރިޒަމް އަށް އެންމެ ލޯ ލާރިއެއް ވެސް ނުދާނެކަން ޔަގީން ކުރެވޭ ވަރުގެ ކޮންޓްރޯލުތަކާ އެކު،" އިޓަލީގެ ބޮޑުވަޒީރުގެ ނާއިބު އެންޓޯނިއޯ ޓަހާނީ ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާއަށް މިއަދު ވިދާޅުވި އެވެ.ޓަހާނީ ވިދާޅުވި ގޮތުގައި އިޓަލީއިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖައްސާފައި ވަނީ 35 މިލިއަން ޔޫރޯގެ ބަޖެޓެކެވެ."މީގެ ތެރެއިން 5 މިލިއަން ހަމަޖައްސާފައި ވަނީ އަންރާއަށް ދޭން،" ޓަހާނީ ވިދާޅުވި އެވެ. ބާކީވާ 30 މިލިއަން ޔޫރޯ ދިނުމަށް ކަނޑައަޅާފައި ވަނީ އދ.އާ ގުޅިގެން ހިންގަމުން އަންނަ އިޓަލީގެ 'ފުޑް ފޮ ގާޒާ' ޖަމިއްޔާއަށެވެ. އިޓަލީވިލާތަށް ކުރެއްވި ދަތުރުފުޅުގައި ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ ވަނީ އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީއާ އެކު ވެސް ބައްދަލުވުމެއް ބާއްވަވާފަ އެވެ. މި ބައްދަލުވުމުގައި، ގާޒާގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށާއި ރަހީނުން މިނިވަން ކުރުމަށާއި ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުން ރަނގަޅު ކުރުމަށް އިޓަލީއިން ތާއީދު ކުރާ ކަމަށް މެލޮނީ ވަނީ ވިދާޅުވެފަ އެވެ.އދ. ގެ އަންރާ އަކީ ގާޒާއަށް ވައްދާ ހުރިހާ އެހީއެއްހެން ހަމަޖައްސާ ޖަމިއްޔާ އެވެ. ގާޒާގައި އަންރާގެ 13،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން ދެ އެވެ.


