އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް ދަ އެންވަޔަރަންމަންޓް (އޭ.ޕީ.އާރް.އެފް.އެޗް.އީ)ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ސިއްޙަތާއިބެހޭ ވުޒާރާއިން ހުށަހެޅި ހުށަހެޅުމަކާއި ގުޅިގެންނެވެ.
އޭ.ޕީ.އާރް.އެފް.އެޗް.އީގައި ބައިވެރިވުމުން ދިވެހިރާއްޖެ އަށް ލިބޭނެ ފައިދާ ތަކުގެ ތެރޭގައި، ފޯރަމްގެ މެންބަރު ޤައުމު ތަކާއި ގުޅުން ބަދަހި ވުމާއި، ސިއްޙަތާއި ތިމާވެއްޓާ ގުޅުން ހުރި ސިޔާސަތު ތަކާއި ޤައުމީ ޕްލޭން ތައް އެކުލަވާލުމާއި ތަންފީޛު ކުރުމަށް ސަރަޙައްދީ އެއްބާރުލުން ލިބުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ތިމާވެށްޓާއި ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަކާލާތު ކުރުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.
މީގެ އިތުރުން، ސިއްޙީ އަދި ތިމާވެށީގެ ދާއިރާއިން ޚިދުމަތް ދިނުމުގައި ޑިޖިޓަލް ހެލްތު ބޭނުން ކުރުމުގެ ލުއިފަސޭހަކަން ލިބި، ފަންނީ އެހީތެރިކަން ހޯދުމަށް މަގުފަހިވާނެއެވެ. ފޯރަމްގެ ނޮލެޖު ނެޓްވަރކް މެދުވެރިކޮށް ދިރާސީ މަސައްކަތްތަކަށް އެހީތެރިކަން ލިބި، ތިމާވެށި ތަޣައްޔަރު ވުމާއި މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ޢާންމު ސިއްޙަތަށް ހުރި ނުރައްކާތައް ވަޒަންކޮށް މިންކުރުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.
އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް ދަ އެންވަޔަރަންމަންޓަކީ، ތިމާވެއްޓަށް އަންނަ ބަދަލު ތަކުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް ކުރިމަތި ވެފައިވާ ނުރައްކާތައް ޙައްލު ކުރުމުގެ ގޮތުން 2004 ވަނަ އަހަރު އުފެއްދި ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ސިއްޙީ ދާއިރާއާއި ތިމާވެށީގެ ދާއިރާތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ތިމާވެށި ހިމާޔަތްކޮށް، ޢާންމު ސިއްޙަތު ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމެވެ.
ފޯރަމްގެ މަސައްކަތްތަކުގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް، ޕެރިސް އެގްރީމަންޓް، ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން، މިނަމާޓާ ކޮންވެންޝަންސް އަދި ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވަރކްގެ މައިގަނޑު އަސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރުން ހިމެނެއެވެ. މިގޮތުން ތިމާވެށި ހިމާޔަތްކޮށް، ޢާންމު ސިއްޙަތު ރައްކާތެރި ކުރުމަށްޓަކައި ދަތުރުފަތުރާއި، ތަޢުލީމާއި، ހަކަތަ އަދި ވިޔަފާރީގެ ދާއިރާ ފަދަ އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެއެވެ.



