ރާއްޖޭގައި ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދުގެ ފޮތް މިއަދު އިފްތިތާހުކޮށްފިއެވެ. މި ފޮތް އިފްތިތާހުކުރީ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓުގެ ދަށުން ވާރލްޑް ބޭންކާއި ސަރުކާރު ގުޅިގެންނެވެ.
ފޮތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި ފޮތާއިއެކު އިމާރާތްކުރުމުގެ މަސައްކަތަށް ހެޔޮ ބަދަލެއް އަންނާނެއެވެ.
މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، މި ފޮތުގައިވާ އިރުޝާދުތައް ބިނާވެފައިވަނީ ރާއްޖޭގެ ހާލަތާއި ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާއި އިންޖިނިއަރިންގ ޑިޒައިންތަކުގެ މައްޗަށެވެ. އަދި މި އިރުޝާދުތައް ތައްޔާރުކޮށްފައިވަނީ ގިނަ ދިރާސާތަކެއް ކުރުމަށްފަހު، ގެދޮރުތަކުގެ ހާލަތްތައް ދެނެގަނެ، ކަމާއިގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އިލްތިމާސް ކުރަން ހުރިހާ ފަރާތްތަކުންވެސް ގެދޮރު އިމާރާތްކުރާއިރު މި ފޮތުގައި ހުރި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަށް. ބޭނުންވަނީ މި ފޮތާއެކު ރަނގަޅު ހެޔޮ ބަދަލުތަކެއް ފެނިގެންދާން،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖެ އުފެދިފައި އޮންނަ ގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގޮންޖެހުންތައް ދިމާވާ ކަމަށެވެ. އެހެންކަމުން ގެދޮރު އިމާރާތްކުރުން ފަދަ މުހިންމު މަސައްކަތެއް ކުރާއިރު އެ ތަންތަނަކީ އެންމެ ރައްކާތެރިކޮށް އިމާރާތްކުރެވޭ ތަނެއްކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ފޮތުގެ އެހީގައި ރައްކާތެރި، ދެމެހެއްޓެނިވި އަދި ކަރަންޓަށް ކުރާ ހޭދަ ވެސް ކުޑަވާނެހެން ގެދޮރު ބިނާކުރެވޭނެ ގޮތުގެ މަޢުލޫމާތުތައް ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މި ފޮތް އިފްތިތާހު ކުރުމަށްފަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ފޮތް ވަނީ ހަވާލުކޮފައިއެވެ.









