ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސް ކާރުހާނާ އަޅަން ޗައިނާގެ 'ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން'އާ ހަވާލުކޮށްފި އެވެ.މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ގާތްގަނޑަކަށް 225 މިލިއަން ޑޮލަރުގެ އަގުހުރި މި މަޝްރޫއު ހަވާލުކުރީ އެކަމަށް ބޭނުންވާ ހަރަދު ވެސް އެ ކުންފުނިން އަމިއްލައަށް ކުރާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތްތަކަކީ ދ. މާދެލި އަދި ގދ. ފިޔޯރީގައި މަސް ކާރުހާނާ އާއި ކޯލްޑް ސްޓޯރޭޖު އެޅުމާއި ޅ. ފެލިވަރުގެ މަސް ކާރުހާނާ ބޮޑުކުރުމުގެ މަސައްކަތެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝިޔާމް ވަނީ އެ މަސައްކަތްތަކުގެ ބައެއް ތަފްސީލު ވެސް ހިއްސާކުރައްވާފަ އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވި ގޮތުގައި ފެލިވަރުގައި ގާއިމުކުރާނީ 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެކެވެ. އެކަމަށް ހަރަދުވާނެ ކަމަށް އަންދާޒާކުރެއްވީ 50 މިލިއަން ޑޮލަރެވެ.

ދ. މާދެލީގައި އަޅަނީ 50 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއަކާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އެ މަސައްކަތަށް ހަރަދުވާނީ، މިނިސްޓަރު ލަފާކުރެއްވި ގޮތުގައި 75 - 100 މިލިއަން ޑޮލަރެވެ.

ގދ. ފިޔޯރީގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާ އަޅަން ހިނގާނެ ކަމަށް ލަފާކުރެއްވީ 50 - 75 މިލިއަން ޑޮލަރެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެ ކާރުހާނާތަކުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން މަސް ބަންދުކުރުމާއި އެކްސްޕޯޓު ކުރެވޭ ކެޕޭސިޓީ މިހާރަށް ވުރެ ފުޅާވެ، އެއާ އެކު މި ދާއިރާއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އަދަދު ވެސް 180 މިލިއަން ޑޮލަރާ ހަމައަށް އިތުރު ކުރެވޭނެ ކަމަށް ލަފާކުރެއްވި އެވެ. މިހާރު މި ދާއިރާއިން ބޭރު ފައިސާގެ ގޮތުގައި އެވަރޭޖުކޮށް ލިބެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި 91 މިލިއަން ޑޮލަރެވެ.

މިހާރުގެ ކެޕޭސިޓީއަކީ ކޮބާ؟

  • ފެލިވަރު - 50 ޓަނު
  • މާންދޫ - 50 ޓަނު
  • އެންސިސް - 20 ޓަނު

ފިޝަރީޒް މިނިސްޓްރީން ބުނާ ގޮތުގައި ރާއްޖޭގައި ބާނާ 182،000 ޓަނު މަހުގެ ތެރެއިން، އަހަރަކު ރޯމަހުގެ ގޮތުގައި 63،000 ޓަނުގެ މަސް ބޭރުކުރަން ޖެހެ އެވެ. ރޯމަހުގެ ގޮތުގައި މިހާ ބޮޑު އަދަދެއް ބޭރުކުރަން ޖެހޭ މައިގަނޑު ސަބަބަކީ، މިނިސްޓްރީން ދެކޭ ގޮތުގައި މިފްކޯގައި އެކަށީގެންވާ ކެޕޭސިޓީ ނެތުމެވެ. އެއާ އެކު މި ސިނާއަތުން ހަގީގަތުގައި ލިބެންޖެހޭ ބޭރު ފައިސާގެ އާމްދަނީ ވެސް ރާއްޖެއަށް ނުލިބެ އެވެ.