މާލޭގެ މަގުތަކުގައި ޕޯސްޓަރު ހިއްޕުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ ނޫން ތަންތަނުގައި ޕޯސްޓަރު ހިއްޕުން މަނާކުރުމަށް ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މިކަން އޭނާ ހާމަކުރެއްވީ އިއްޔެ ބޭއްވުނު ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކާއި ސަބް ސްޓޭޝަންތައް ސާފުކުރުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ސްޓެލްކޯގެ ފޮށިތަކުގައި އެންމެ އާންމުކޮށް ހުންނަނީ ސިޔާސީ އެކި ފަރާތްތަކުގެ ޕޯސްޓަރުތައް ކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ކޮންމެ އިންތިޚާބީ ކެމްޕޭނަކާ ދިމާކޮށް ސިޔާސީ ފަރާތްތަކުގެ ފޮޓޯތައް ސްޓެލްކޯ ފޮށިތަކުގައި ހަރުކުރާތީ، އެކަން ނުކުރުމަށް އެދިވަޑައިގަތެވެ.
"އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ މާލެ ސިޓީގައި ބެހެއްޓިފައި ހުންނަ ފޮށިތައް ހަމަ ވަރަށް ހަޑިކޮށް މި ހުންނަނީ. ސިޔާސީ ހުރިހާ މީހުންގެ ފޮޓޯތައް ހިއްޕާފައި މިހުންނަނީ. އަޅުގަނޑުމެން އެދެން ހުރިހާ ސިޔާސީ ފަރާތްތަކަށް ވެސް އަދި އެހެން ފަރާތްތަކަށް ވެސް އެއްގޮތަކަށްވެސް ސްޓެލްކޯ ފޮށިތަކުގައި އެއްވެސް އެއްޗެއް ނުހިއްޕުމަށް،" އާޒިމް ވިދާޅުވިއެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، ސްޓެލްކޯގެ ފޮށިތަކާއި ޓްރާންސްފޯމަރުތައް ހުރި ތަންތަނަކީ ކްރިޓިކަލް އިންފްރާސްޓްރަކްޗަރއާ ގުޅުންހުރި ތަންތަން ކަމަށާއި، އެތަންތަން ހަޑިވެ ހަލާކުވެއްޖެނަމަ އެއީ އެންމެންނަށްވެސް ލިބޭނެ ގެއްލުމަކާއި ނުރައްކަލަކަށް ވާނެ ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މާލޭގެ ސަރަހައްދުތަކުގައި ޕޯސްޓަރު ހިއްޕޭނެ ވަކި ތަންތަނެއް ކަނޑައެޅުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
"މިހާރު އަޅުގަނޑުމެން މިވަނީ މާލޭގެ އެއްވެސް ތަނެއްގައި ޕޯސްޓަރު ނުހިއްޕޭނެ ގޮތަށް ހަދަން މަސައްކަތް ފަށާފައި. އޭގެ ބަދަލުގައި ޕޯސްޓަރު ހިއްޕޭނެ ވަކި ތަންތަން ފާހަގަކޮށް ޕްރޮޖެކްޓެއް އެބަ ފަށައިގަންނަން. އެއަށްފަހު އެއްވެސް ބަޔަކު އެއްޗެއް ހިއްޕަން ބޭނުންވާނަމަ މާލޭގައި ހުންނާނެ ޚާއްޞަ ތަންތަން. އެ ނޫން އެއްވެސް ތަނެއްގައި ހިއްޕުމަކީ މަނާ ކަމަކަށް ވާނެ،" އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން، ސްޓެލްކޯ ފޮށިތައް ކުނި އަޅާ ޑަސްބިންތަކެއްގެ ގޮތުގައި ބޭނުންކުރާ މައްސަލަ ވެސް މޭޔަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ތުއްތު ކުދިންނަށް ރިވެތި އާދަތައް ދަސްކޮށްދިނުމުގެ ގޮތުން ބޮޑެތި މީހުން ވެސް މިފަދަ ޢަމަލުތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ. އަދި ގޭގޭގައްޔާއި މާލޭގެ އެކި ސަރަހައްދުތަކުގައި ޕޯސްޓަރު ހިއްޕުން ނިމުމަކަށް ގެނައުމަށް އެހެނިހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށާއި، މާލެ ސާފުތާހިރު ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ފާއިތުވި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް މާލޭގެ ގިނަ މަގުތަކެއް އެކި ސިޔާސީ ޕޯސްޓަރުތަކުން ފުރިފައިވާކަން ފާހަގަކުރެވުނެވެ. އިންތިޚާބު ނިމުނުތާ ގިނަ ދުވަސްތަކެއް ވީއިރުވެސް މި ޕޯސްޓަރުތައް ނުނަގާ ހުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ތަކެތި ނެގުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެވެ.



