މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުން އިސް ނަގައިގެން ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯ މުވައްޒަފުން ނިންމާފައިވާ މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކޮޕް28 ސަމިޓުގައި އިއުލާން ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އަދި މި މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ބައިވެރިވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މި ޕްރޮގްރާމްގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކަރބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް މަގުފަހިވާނެ ކަމަށެވެ. އެގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް މި ހަރަކާތުގައި ބައިވެރިވުން މުހިންމުކަމަށް ދެކޭ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ތިމާވެށީގެ ދުވަހަކީ އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.



