ލ. ގަމުގައި އުރީދޫ މޯލްޑިވްސް އިން ބާއްވާ ފަން ރަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އުރީދޫ އިން ބުނީ ލ. ގަމުގައި އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމުގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށެވެ. އުރީދޫ އިން ބުނީ މި ދުވުމަކީ ތަފާތު ހަރަކާތްތައް ހިމެނޭ 5 ކިލޯމީޓަރުގެ ދުވުމެއް ކަމަށާއި މިއީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމަކަށް ވާނެ ކަމަށެވެ.
މި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫއިން ބުންޏެވެ. މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއްވެސް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުން ގަޔަށް ކުލަ ޖެހުމުގެ އިތުރުން ފެން ޖެހުމާއި އެހެނިހެންވެސް މަޖާ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
މި ދުވުމުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އުރީދޫއިން ބުނީ http://ore.doo/funrun2024 މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.
އުރީދޫ އިން ބުނީ މި ދުވުމުގައި ދެ ކެޓަގަރީއަކުން ކިޓްތައް ލިބެން ހުންނާނެ ކަމަށެވެ. އެއީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކުވެސް އުރީދޫ އިން ބާއްވަމުން އަންނަ ހަރަކާތެކެވެ.



