ދިރާގުގެ އާ ބްރޭންޑް އެމްބެސަޑަރަކަށް ފާތިމަތު ދީމާ އަލީ ހަމަޖައްސައިފިއެވެ.
އެމްބެސަޑާޝިޕް ދީމާއާ ހަވާލުކޮށްފައިވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދެވެ.
ދެކުނު އޭޝިއާގެ މި އަހަރުގެ އޮލިމްޕިކް ކޮލިފައިން މުބާރާތް ކާމިޔާބުކޮށް، އޮލިމްޕިކްސް އަށް ރާއްޖެއިން ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓަކީ ދީމާއެވެ. ދީމާ ވާނީ އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ދީމާ ވަނީ ދިރާގުގެ ބްރޭންޑް އެމްބެސަޑާޝިޕްކަން ލިބުމުން ވަރަށް އުފާކުރާ ކަމަށް ބުނެ، ދިރާގުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކުޅިވަރުގައި ރާއްޖެ ތަމްސީލުކޮށް އިތުރު ކާމިޔާބީތައް ހާސިލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ދީމާ ބުންޏެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސަޑަރަކަށް ދީމާ ވުމަކީ ލިބޭ ފަޚުރެއް ކަމަށާއި، ދީމާ އަކީ މުޅި ޤައުމު ފަޚުރުވެރިވާ ދަރިއެއްގެ އިތުރުން ބޮޑުވަމުން އަންނަ އެތައް ކުދިންނަކަށް ނަމޫނާއެއް ކަމަށެވެ.



