މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" ޢާއްމުކޮށް ކިޔާ ނަމުން ނަމަ "ޗައިނާ ވައިޓް" ދައުރުވާ މިންވަރު އިތުރުވެފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ ބައިނަލްއަޤްވާމީ މާކެޓުގައި "ޗައިނާ ވައިޓް" އުފައްދާ އަދި ދައުރުވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެއީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗެއް ކަމަށާއި، އެ ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ މަސްތުވާ އެއްޗެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެ މިނިސްޓްރީއާއި ނޭޝަނަލް ޑްރަގް އެޖެންސީއާއި ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޗައިނާ ވައިޓް" ބޭނުންކުރި ދެ މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި އެޑްމިޓް ކުރި ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރު މުޙައްމަދު އަލީ ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ޑރ މުޙައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީރިއަސް އިންފެކްޝަންތަކަކާ އެކީ އައި ބައެއް ޕޭޝަންޓުން އެ މަސްތުވާތަކެތި ނެގި ކަމަށް ބުނެފައިވާ ކަމަށެވެ.
މުހައްމަދުގެ ޕޯސްޓުގައި ވަނީ އެ ކަމާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލާފައެވެ. އަދި އެފަދަ މަސްތުވާތަކެތީގެ އިތުރުން ވޭޕް އަދި ދުންފަތް މަނާ ކުރަން ވެސް އޭނާ ގޮވާލާފައިވެއެވެ.



