މި ފެށޭ ދިރާސީ އާ އަހަރު ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
ޚުތުބާގައި ވަނީ ކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވުމަށް ގޮވާލާފައެވެ. އަދި އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ޙައްޤުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބެލުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
ޚުތުބާގައި ވަނީ އަދުގެ ދަރިވަރުންނަކީ މާދަމާ ޤައުމުގެ ވަޙްދަތު ޙިމާޔަތްކޮށް، ޤައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަން ދަނުމަށާއި، ޢިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ، އެކަލާނގެ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިޙްތިރާމްކޮށް، ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކޮށްގެންކަން ދަނުމަށް ގޮވާލާފައެވެ. އަދި މަދްރަސީ މަރުޙަލާއަކީ، އެ މަރުޙަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުޙަލާއެއް ނޫންކަން ދަނެ، އެ މަރުޙަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ އިރުޝާދު ދީފައެވެ.
ޚުތުބާގައި ބުނީ ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށެވެ. އެގޮތުން ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަމަށެވެ. އަދި ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ނުވަތަ ވަކި ޖިންސެއް ވެސް ނޯންނަކަން ފާހަގަކޮށް ޚުތުބާގައި ބުނީ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭއިރު، އެއީ ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.



