މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑުދަތުރުފަތުރު ކުރުމަށް ނުރައްކާވެފައިވާތީ އަންނަ ދިރާސީ އާ އަހަރުގެ ފުރަތަމަ 3 ދުވަހު ކިޔަވައިދޭ ދަންފަޅި ކުރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި، ކަނޑު ގަދަވުމުން ދަތުރު ކުރުމަށް ބުރުއަރާފައިވާތީ މުސުމީ ހާލަތަށް ބަލައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް، ކޮންމެ ދަންފަޅިއެއް ވެސް ކުރިއަށް ގެންދަން ޖެހޭނީ ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުގެ ވަގުތަށް ފައްތައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ތިން ދުވަހު ކުރިއަށް ގެންދިޔުމަށް ޕްރޮގްރާމްތަކެއް ވެސް ކަނޑައަޅާފައެވެ. އެގޮތުން ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ އަށަގެންނެވުމާއި، ދަރިވަރުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ހަނގާކުރުމާ ދެކޮޅަށް ޕްރޮގްރާމްތަކެއް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ހަތް އޮރެންޖް އެލާޓް ވަނީ ނެރެފައެވެ.



