ޗައިނާގެ ޝީޒަންގ އޮޓޮނަމަސް ރީޖަންގެ ފަރާތުން 1500 ޓަނުގެ ބޯފެން ރާއްޖެއަށް ހިލޭ ހަދިޔާކޮށްފިއެވެ.
ޗައިނާގެ ޝީޒަންގ އޮޓޮނަމަސް ރީޖަންގެ ޗެއާމަން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި ވަނީ 1500 ޓަނުގެ ބޯފެން ރާއްޖެއަށް ހަދިޔާކުރައްވަން ގަސްދުކުރައްވާކަން ހާމަކުރައްވާފައެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނުގެ ޝިޕްމަންޓާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވީ މިނިސްޓަރ މޫސާ ޒަމީރެވެ. އަދި ޗައިނާގެ ފަރާތުން އެ ޝިޕްމަންޓް ހަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން އެވެ.
ދިވެހި ސަރުކާރުން ނިންމާފައިވަނީ މި ފެން ބޭނުންކުރާނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި އެ ރަށްރަށަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާއަކީ ރާއްޖޭގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ޒަމީރު ވަނީ ޗައިނާގެ ފަރާތުން ދިވެހި ސަރުކާރަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމާއި ހެޔޮއެދުމަށްޓަކައި ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.



