މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) އަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބުވި ސަބަބާ ގުޅޭ ގޮތުން ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ މެއި މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ ގޮތް ދެނެގަތުމުގެ ދިރާސާކުރާ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ. އެގޮތުން އެ ކޮމިޓީއަށް މަޢުލޫމާތު ނުވަތަ ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން feedback@mdp.org.mv އަށް ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.
އެމްޑީޕީން މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި ޤައުމީ މަޖިލީހަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީ އަލުން ތަރުތީބުވެގެން ނުކުމެ އެ ޕާޓީގެ ފަލްސަފާތަކާއި އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ޕާޓީގެ މެމްބަރުން އަތާއި އަތް ގުޅާލައިގެން އަނެއްކާވެސް ބާރަށް މަސައްކަތް ފަށާނެ ކަމަށެވެ.
އެމްޑީޕީން ފުރަތަމަ ދިރާސާކުރުމަށް ނިންމާފައިވަނީ އެ ޕާޓީއަށް އިންތިޚާބު ގެއްލިގެންދިޔަ ސަބަބު ދެނެގަތުމަށެވެ. އަދި އެޔަށްފަހު އެމްޑީޕީއާ ދޭތެރޭ ރައްޔިތުން ދެކޭގޮތް ބެލުމަށްފަހު ޕާޓީ ބިނާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އޭރު ވިދާޅުވީ ދިރާސާގައި ބެލުމަށް ނިންމާފައިވަނީ އެމްޑީޕީއަށް އިންތިޚާބުގައި ނާކާމިޔާބުވީ އެ ޕާޓީގެ ކެމްޕެއިން ކުރިއަށް ގެންދިޔަ ގޮތުންތޯ ނުވަތަ ލީޑަރޝިޕުގެ މައްސަލައެއްގެ ސަބަބުންތޯ ބެލުމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މާޙައުލަށް އައިސްފައިވާ ބަދަލަކީވެސް ކޮބާތޯ ބަލާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ދެން ކުރިއަށްދާނެ ގޮތެއް އިނގޭނީ އެ ދިރާސާއަށް ބެލުމަށްފަހު ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ފަހު މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީއަށް ނާކާމިޔާބުވުމުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ އެމްޑީޕީގެ ލީޑަރޝިޕް އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އެކަމާ ގުޅޭ ގޮތުން ފައްޔާޒް ވިދާޅުވީ އެންމެ ފަހުން ބޭއްވި ބޮޑު ދެ އިންތިޚާބުން ނާކާމިޔާބުވުމަކީ ޕާޓީގެ އިސްބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.



