މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) ވަގުތީ ގޮތުން ހިންގުމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ބައްސާމް އާދަމް އާއި ހަވާލުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބޯޑުން މިއަދު ވަނީ ބައްސާމް އާއި އެމްއެމްޕީއާރުސީ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވާކަމަށް ބުނެފައެވެ.
ޕީސީބީ ބޯޑުން މިދަފައިން ނިންމާފައި މިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި ފާތިމަތު ތައުފީޤް އިއްޔެއިން ފެށިގެން އެ މަޤާމުންނާއި ބޯޑު ޑިރެކްޓަރުކަމުން ވަކިކުރުމާ ގުޅިގެންނެވެ.
ފާތިމަތު ތައުފީޤް މަޤާމުން ވަކިކުރި ސަބަބެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީގެ ބޯޑުގެ ޗެއަރޕަރސަން އައިޝާ ނޫރްއައިން ޖަނާހްވެސް މި ހަފްތާގެ ތެރޭގައި ވަނީ މަޤާމުން އިސްތިއުފާދީ އެކަން ޕީސީބީއަށް އަންގާފައެވެ. އަދި އެމްއެމްޕީއާރްސީގެ ބޯޑުގައި މަޓީ ތަމްސީލް ކުރައްވާ މެންބަރު މުހައްމަދު ރާފިލްވެސް ވަނީ އިސްތިއުފާ ދީފައެވެ.



