ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އިސްމާއިލް ސުހައިލް އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިިފިއެވެ.

އޭނާ މަޤާމުން އިސްތިޢުފާ ދެއްވިއިރު، އެފްއެސްއެމްގެ ބޮޑެތި ޚިޔާނާތުގެ މައްސަލަތަކެއްވެސް ފެންމަތިވެ ތަޙުޤީޤުކޮށް އަދި ބައެއް މައްސަލަތައް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ވެސް ފޮނުވާފައެވެ.
ސުހައިލް އާއި ގާތް ގުޅުމެއް އޮންނަ ދެ މީހަކު އެ ކުންފުނީގެ ގުދަނުގައި ހުރި މަސްދަޅުތަކެއް ވަގަށް ނެގި މައްސަލައެއްގައި ވެސް ސުހައިލުއަށް ތުހުމަތުކޮށްފައި ވެއެވެ.
މީގެ އިތުރުން، ތެޔޮ ބޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ލައްވައި ތެޔޮ ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ބައެއް އެމްޑީއަށް ދޭން އަންގާފައިވާ ކަމަށް ބުނެ ވެސް މައްސަލަތަކެއް ކުރިމަތިވިއެވެ. އެގޮތުން، ހަތަރު ލައްކަ ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ތެޔޮ ވިއްކައިގެން ނަގާ ކަމަށާއި، އޭގެ ތެރެއިން މަދުވެގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ކޮންމެ ދުވަހަކުވެސް އެމްޑީގެ ފަރާތުން އަންނަ ދެމީހަކާއި ހަވާލުކުރާ ކަމަށް މީޑިއާގައި މީގެ ކުރިން ޚަބަރު ފެތުރިފައި ވެއެވެ. އަދި އޭގެ ޓްރާންސްފަރ ސްލިޕްތަކެއްގެ ފޮޓޯ ތައް ވެސް ވަނީ އާއްމުކޮށްފައެވެ. ނަމަވެސް އެއީ ޞައްޙަ ސްލިޕް ތަކެއް ކަމެއް އެނގިފައެއް ނެތެވެ.
ސުހައިލް ވަނީ އޭނާއާއި ދެކޮޅަށް ތުހުމަތުކުރާ ކަންކަން ދޮގު ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.



