ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުދްރީގެ އާއިލާ ގާޒާއިން ނެރެ، ރާއްޖެ ގެނެސްފިއެވެ.
ކުދްރީގެ އާއިލާ ގާޒާއިން ނެރުމަށް އޭނާ ވަނީ މީގެ ކުރިން ފައިސާގެ އެހީއަށް އެދިފައެވެ. މާޗް މަހުގެ 31 ވަނަ ދުވަހު ކުދްރީ ފައިސާގެ އެހީއަށް އެދިފައިވާއިރު، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ވަނީ އެ ފައިސާ ހަމަޖައްސައިދީފައެވެ.
އައިއޭސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކުދުރީގެ އާއިލާ ގާޒާއިން ނެރުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވެ، ﷲގެ ރަޙުމަތުން މިއަދު އެ އާއިލާ ރާއްޖެ ގެނެވިފައިވާ ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ އެހީތެރިކަމާއެކު އެ އާއިލާ ރައްކާތެރިކަމާއެކު ރާއްޖެ ގެނެވުމަކީ އައިއޭސީން އުފާކުރާ ކަމެއް ކަމުގައި ބުންޏެވެ.
ކުދުރީގެ އާއިލާ ރާއްޖެ ގެނައުމުގައި ދިމާވި ބޮޑެތި ހުރަސްތަކުގައި ދިވެހިރާއްޖޭގެ އިމިގްރޭޝަނުން އެހީތެރިވެފައިވާކަން ފާހަގަކޮށް އައިއޭސީން ވަނީ އެކަމަށްޓަކައި އިމިގްރޭޝަނަށް ޝުކުރު އަދާކޮށްފައެވެ.
ކުދުރީގެ އާއިލާ ރާއްޖެ އައުމުން އައިއޭސީގެ ޓީމުން ވަނީ އާއިލާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި އާއިލާއަށް މަރުޙަބާ ކިޔުމަށްޓަކައި އައިޔޫއެމްގެ ބައެއް މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ ޙަމަލާތަކުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 35,709 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 79,990 މީހުން ވަނީ ޒަޚަމްވެފައެވެ.



