މީޑިއާގެ މައްޗަށް ސަރުކާރަށް ބޮޑު ކޮންޓްރޯލެއް ދިނުމަށް ހުށަހެޅި، މައްސަލަ ބޮޑު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް އަނބުރާ ގެންގޮސްފި އެވެ.
ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު ޢަބްދުﷲ ހަންނާން އަބޫބަކުރު ނޮވެމްބަރު 13 ވަނަ ދުވަހު މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅި ބިލް ރަސްމީކޮށް އަނބުރާ ގެންދަވަން ނިންމަވާފައި ވަނީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ނޮވެމްބަރު 19 ވަނަ ދުވަހު އެވެ. އެ ބިލް ހުށަހެޅުއްވި މެމްބަރު ހަންނާން އެ ބިލް އަނބުރާ ގެންދަން ހުށަހެޅުއްވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ސިޔާސަތުތަކާއި އެ ބިލް އެއްގޮތް ނުވާ ކަމަށް ވިދާޅުވެ އެވެ.
މީޑިއާއާއި ވާހަކަ ދައްކަވަމުން ހަންނާން ވިދާޅުވީ ބިލް އަނބުރާ ގެންދަން ނިންމެވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ ތާއީދު ނެތުމާއި މީޑިއާ ކޮންޓްރޯލް ކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ފުށުއަރާނެ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރާތީ ކަމަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޗެއާމަން އަދި ނައިބު ޗެއާމަން އައްޔަން ކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދާނެ މާއްދާތަކެއް ހުރުމުން ބިލަށް ފާޑުކިޔުންތައް އަމާޒުވެ، ނޫސްވެރިންގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރާފާނެތީ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ސްޓޭންޑް ސާފުކުރައްވައި، މީޑިއާ ނުވަތަ ނޫސްތައް ކޮންޓްރޯލް ކުރުން ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ބިލަކީ އަމިއްލަ މެންބަރެއްގެ އިސްނެގުމެއްގެ ގޮތުގައި ހުށަހެޅި ބިލެއް ކަމަށާއި ސީދާ ވެރިކަމާއި ގުޅުން ހުރި ބިލެއް ނޫން ކަމަށް ވިދާޅުވެ އެ ބިލާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އިސްލާމް ދީނާއި އަދި ޤާނޫނު އަސާސީއާއި ޚިލާފު ނުވާހާ ހިނދަކު ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމަކީ އެ މަނިކުފާނު ޤަބޫލުފުޅު ކުރައްވާ ހަމަ އެވެ.



