ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ދޫކުރި 1،327 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.

ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ނިންމީ ގިރާވަރުފަޅުން ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ އެ ތަނުން ގޯތި ދިނުމުގެ ސަބަބުންނެވެ.

އެހެންކަމުން 1،327 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމައި، އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ހުޅުވާލި މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގިރާވަރުފަޅުން ދޫކުރި ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:00 އަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

ކުރިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ގުޅިފަޅަށް ބަދަލުވާން ބޭނުންވާ މީހުން ތިބި ނަމަ އެ އަދަދު ކަނޑައަޅާނީ ގުރުއަތު ނަގައިގެންނެވެ. އެ ތާރީހު އަދި އިއުލާން ކޮށްފައި ނުވެއެވެ. 

ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރާ ގޯތީގެ އަދަދު:

- 1،250 އަކަފޫޓުގެ 193 ގޯތި.

- 1،650 އަކަފޫޓުގެ 663 ގޯތި.

- 2،050 އަކަފޫޓުގެ 487 ގޯތި.

- 2.450 އަކަފޫޓުގެ 4 ގޯތި

ގޯތި ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީން ވަނީ ޕޯޓަލް މެދުވެރިކޮށް ގޯތި ބަދަލުކުރަން ރިކުއެސްޓް ކުރާއިރު، ގޯތި ލިބިފައިވާ މީހުން ފުރިހަމަކުރަން ޖެހޭ އިގްރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ގިރާވަރުފަޅުން ލިބުނު ހާހަކަށް ވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލުކުރަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ދެވެން ނެތިގެންނެވެ. 

ގޯތި ލިބޭނެ ކަމާއިމެދު ސުވާލު އުފައްދަން ފެށުމުން އެ ޕޯޓަލް މެދުވެރިކޮށް، ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ ގޯތި ލިބުނު އެންމެނަށް ގޯތި ދޭނެ ކަމުގެ ޔަގީންކަމާ އެކު ލިޔުމެއްގައި ސޮއިވެސް ކުރައްވާފައެވެ.