ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙް ބާޠިލް ކުރަން އެދި މިއަދު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ހުސައިނެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީއަށް ގެނެވުނު ހަވަނަ އިޞްލާޙަކީ ގާނޫނުއަސާސީގެ ހަތަރުވަނަ، އަށްވަނަ، 26 ވަނަ، 75 ވަނަ އަދި 90 ވަނަ މާއްދާއާއި ޚިލާފަށް ގެނެވިފައިވާ އިޞްލާހެކެވެ.
މީގެ އިތުރުން، މި އިޞްލާޙަކީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާއި ވެސް ފުށުއަރާ އިޞްލާޙެއް ކަމަށް ޢަލީ ހުސައިން ތުހުމަތުކުރެއްވިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެގެން ނުވާނެ ކަމަށާއި އެއްބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވައި، ދެބާރު ތަޅައިގަތުމަކީ ގޯހެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.



