މަސްވެރިކަމުގެ ސިނާއުތުގައި ރާއްޖެ ފަދަ ގައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ތަރައްގީވެފައިވާ ގައުމުތަކުން ނަގަމުންދާ ބޮޑު ޑިއުޓީ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ތައިލެންޑުގައި މިހާރު ކުރިއަށްދާ އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި އެކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ބޮޑު ޑިއުޓީއެއް ނެގުމުގެ ސަބަބުން ކުދި ގައުމުތަކުގެ އުޅަނދުފަހަރުން ބާނާ މަހާއި އުފައްދާ މަހުގެ ބާވަތްތަކަށް ތަރައްގީވެފައިވާ ގައުމުތަކުގެ އިންޑަސްޓްރިއަލް އުޅަނދުފަހަރުން ބާނާ މަހާ ބައިނަލްއަގްވާމީ ބާޒާރުތަކުގައި ވާދަ ނުކުރެވޭ ކަމަށެވެ.
ދުނިޔޭގެ ކަނޑުމަހުގެ މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްވެސް ބެލެހެއްޓުމެއްނެތި ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކުން ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމެވެ.
އެކަން ހުއްޓުވުމަށް ރާއްޖެ ފަދަ ކުޑަ ގައުމަކުން ހަރަދުކުރަމުން އައި ނަމަވެސް، މުޅި މައްސަލައަށް ހައްލެއް ގެނެވޭނީ ހުރިހާ ގައުމުތަކުން ވެސް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަނަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގައުމުތައް ތަމްސީލްކުރާ ވަޒީރުންނާއި، މަސްވެރިކަމުގެ ސިނާއަތް ތަމްސީލްކުރާ އިސް ފަރާތްތަކާއި ގުޅުންހުރި ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
އެ ހަރަކާތުގައި ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކަމަށް އޮތް ހައްލުތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅަން ވަނީ މަޝްވަރާ ކޮށްފަ އެވެ.



