ހުޅުމާލޭގައި މިދިޔަ އަހަރު ހުޅުވި ފާސްޓްފުޑް ރެސްޓޯރަންޓް ޗެއިން ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އައުޓްލެޓު ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެން ބަންދުކޮށްފިއެވެ. ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ ހުންނަ ރަށު މާރުކޭޓްގެ މަތީގައި މި ދެ އައުޓްލެޓް ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.
ކޭއެފްސީ އާއި ޕިއްޒާ ހަޓް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން، އިސްރާއީލާ ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް ބައިނަލްއަގްވާމީ ބޮޑު ކެމްޕެއިނެއް ވަނީ ފަށާފައެވެ. މާލޭގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓު ކުރިމަތީގައި ވެސް އެތަންތަން ބޮއިކޮޓް ކުރަން ގަން ގޮވާލައި އެކި ފަހަރުމަތީން މީހުން ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ކޭއެފްސީ ހުންނަ އިމާރާތުގެ ބިއްލޫރި ގަނޑު ވެސް ތަޅާލާފައިވެއެވެ.
ނަމަވެސް ކޭއެފްސީން ބުނެފައިވަނީ އެ ކުންފުނިން އިސްރާއީލަށް ތާއީދު ނުކުރާ ކަމަށާއި އެއީ ސިޔާސީ ކަމަކާއި ގުޅުމެއް ނެތް ވިޔަފާރިއެއް ކަމަށެވެ. މާލޭގައި ހުންނަ ދެ އައުޓްލެޓް އަދިވެސް ދަނީ ހިންގަމުންނެވެ.
ރާއްޖޭގެ އިތުރުން، މުސްލިމުންގެ އާބާދީ ބޮޑު އެހެން ގައުމުތަކުން ވެސް ވަނީ އިސްރާއީލާއި ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ވަރުގަދަ ކެމްޕެއިންތައް ފަށާފައެވެ. އެގޮތުން އިންޑޮނީޝިއާ އާއި މެލޭޝިއާގައި ވެސް މި ބޮއިކޮޓް ކެމްޕެއިނާ އެކު ކޭއެފްސީގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.



