އިންޓަރ މަޔާމީގެ ކޯޗު ޖެރާޑޯ މާޓީނޯ އަމިއްލަ ސަބަބުތަކަކަށްޓަކައި އިސްތިއުފާ ދެއްވައިފިއެވެ. މިކަން ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އާޖެންޓީނާގެ މާޓީނޯ އިސްތިއުފާ ދެއްވީ މިދިޔަ ސީޒަންގައި މޭޖާލީގުގެ ޕްލޭއޮފްގައި ބަލިވުމާއި ގުޅިގެންނެވެ.
މާޓީނޯ އިންޓަރ މަޔާމީގެ ކޯޗުކަން ކުރެއްވީ 17 މަސް ދުވަހުއެވެ. މިމުއްދަތުގެ ތެރޭގައި އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ ލީގްސް ކަޕް ކާމިޔާބުކުރުމެވެ. މީގެ އިތުރުން މިދިޔަ ސީޒަންގައި ސަޕޯޓަރސް ޝީލްޑް ވެސް ކާމިޔާބުކުރިއެވެ. މިއީ ރެގިއުލަރ ސީޒަންގައި 74 ޕޮއިންޓް ހޯދައިގެންނެވެ.
އެމްއެލްއެސް ކަޕް ޕްލޭއޮފްގައި އެޓްލާންޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި 2-1 އިން ބަލިވިއެވެ. އަދި ތިންވަނަ މެޗުގައި 3-2 އިން ބަލިވެ ޕްލޭއޮފްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނެވެ.
މާޓީނޯ ވިދާޅުވީ އިންޓަރ މަޔާމީގެ ކޯޗުކަން ކުރުމަކީ ވަރަށް ޚާއްޞަ ފުރުސަތެއް ކަމަށެވެ. އަދި ހޭދަކުރި ވަގުތަކީ އުފާވެރި ދުވަސްތަކެއް ކަމަށާއި، މިތަނުގައި އުފެދުނު ގުޅުންތަކަކީ އަބަދުވެސް ހަނދާންކުރާނެ ކަންކަން ކަމަށެވެ. އަދި އިންޓަރ މަޔާމީގައި މަސައްކަތްކުރުމުގެ ފުރުސަތު ދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.



