މޫސުން ގޯސްވުމުގެ ސަބަބުން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އަތޮޅުތަކުގެ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ކަނޑު ގަދަވުމުގެ ސަބަބުން އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކުގެ ދަތުރުތަކަށް ބުރޫއަރައި، ތަކެތި ފޮނުވުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން މިއަދު މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރި ޕޯސްޓެއްގައި ބުނީ "ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި" ކަމަށެވެ.
"ފުލުހުން އަބަދުވެސް ތިބޭނީ ދިވެހި ރައްޔިތުންގެ ހިދުމަތުގައި."
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.



