ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.
ރައީސް މުއިއްޒު އެގޮތަށް ހުށަހެޅުއްވީ މިހާރު މުލިއާގޭގައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ އިންތިހާބީ މަޖިލިސް މެމްބަރުންނާ އެކުގައި ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރު ފަށާނީ މެއި 28 ގައެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިިޔާބުކޮށް، ޕީއެންސީއަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފަ އެވެ. އެހެންކަމުން މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަން ލިބޭނީ އެ ޕާޓީން ނިންމާ ބޭފުޅަކަށެވެ.
އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރަން ސިއްރު ވޯޓެއް ނަގާނީ މެއި 28 ވަނަ ދުވަހު މެންބަރުން ހުވާ ކުރެއްވުމަށްފަހު އެވެ.



