ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުމަށް ފޭކު ލިޔެކިޔުންތައް ހުށަހަޅާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ޞައްޙަ ނޫން ލިޔެކިޔުން ހުށަހަޅާ މައްސަލައެއް ފެންމަތިވުމުން ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުން މެދުކަނޑާލާފައިވާކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
އިހުސާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކަމާ ގުޅުން ހުރި ބައެއް މިނިސްޓްރީތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށާއި އެ ލިޔެކިޔުންތައް އަވަހަށް ވެލިޑޭޓް ކުރެވޭ ގޮތްތަކެއް ބަލަމުން އަންނަ ކަމަށެވެ.
އިހުސާން ވިދާޅުވީ ކުންފުނިތަކުން ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގައި ވެސް ޞައްޙަ ނޫން ލިޔެކިޔުންތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި މައްސަލަ ފެންމަތިވެފައިވަނީ މީހެ މަހެއްހާ ދުވަސް ކުރިން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
ކޮންމެ ޤައުމަކުންވެސް އަން-ސްކިލްޑް ލޭބަރުން ގެނެވޭނެ އެންމެ ގިނަ އަދަދަކީ 100,000 ކަމަށް ކަނޑައަޅާފައިވާއިރު، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންނާއެކު ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދު 100,000 އަށް އަރާނެ ކަމަށް ބުނެ އެ ޤައުމުން މަސައްކަތްތެރިން ގެނައުމަށް ކޯޓާ ދިނުން އޮތީ ހުއްޓާލާފައެވެ.
ބަންގްލަދޭޝް މަސައްކަތްތެރިން ގެނައުމުގެ ހުއްދަ މި ސަރުކާރުން އަލުން ދޭން ފަށާފައިވާއިރު، 17 ނޮވެމްބަރު 2023 ގެ ނިޔަލަށް ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދަކީ 90,624 ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި މި ސަރުކާރުން ވަނީ "ކުރަނގި" ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ. މި އޮޕަރޭޝަނާ ގުޅޭ ގޮތުން ހޯމްލޭންޑް މިނިސްޓްރީން ބުނީ މިހާތަނަށް 705 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރުގެ ފޮޓޯ) ނަގާފައިވާ ކަމަށެވެ.



