ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލިޒިންއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަރުޙަލާގައި މަޝްރޫޢުގެ ޓެކްނިކަލް ތަފްސީލުތައް ދެނެގަނެ، މަސައްކަތުގެ ޓެންޑަރ މަރުޙަލާއަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރާނެ ކަމަށެވެ.
ވިލިމާލެ ހޮސްޕިޓަލްގެ ކަންތައްތައް ބަލަހައްޓާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް މީގެ ކުރިން ވިދާޅުވެފައިވަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ސަރވޭ ހެދުމަށްފަހު، އަންނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ ދެ އަހަރުގެ ތެރޭގައި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނިންމާ ބޭނުންކުރަން ފެށުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ހެލްތު މިނިސްޓަރ ޑރ އަބްދުﷲ ޚަލީލް މީގެ ކުރިން ވިދާޅުވެފައިވަނީ ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް ތަރައްޤީ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް އެންމެ އެކަށގެންވާ ގޮތުގައި ލިބިގެންދާނެ ހޮސްޕިޓަލެއްގެ ގޮތުގައިކަން ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލް ތަރައްޤީކުރެވިގެންދާނީ ތިމާވެއްޓާއި ވެސް ރައްޓެހިގޮތަކަށް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



