މާ ބޮޑަށް މޫސުން ގޯސްވެއްޖެނަމަ ފްލައިޓު ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާއި ބޭ އޮފް ބެންގޯލްގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖެ ސަރަޙައްދަށް މޫސުން ގޯސްވެފައިވާއިރު އެމްއޭސީއެލް އިން ވަނީ މަތިން ދަތުރުކުރާ ފަރާތްތަކުން ފުރަން ދިޔުމުގެ ކުރިން ފްލައިޓު ގަޑިތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް އެދިފައެވެ.
އެމްއޭސީއެލް އިން ބުނީ މަތިން ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތަށްޓަކައި ބައެއް ފްލައިޓުތައް ކެންސަލްވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން އެއަރޕޯޓަށް ދިއުމުގެ ކުރިން ފްލައިޓު ގަޑިތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.
މީގެ އިތުރުން ވަގުތު އޮއްވާ ކުރިއާލާ ޗެކިން ގަޑިއަށް ދިއުމަށްވެސް އެމްއޭސީއެލް އިން ވަނީ އިރުޝާދުދީފައެވެ. އަދި ފެރީގައި އެއަރޕޯޓަށް ދާ މީހުންވެސް މޫސުމަށް ސަމާލުވުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން މިއަދު ނެރުނު އޮރެންޖް އެލާޓުގައި ބުނެފައިވަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރެ ވެހުމާއެކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެކަމަށާއި ކޮޅިގަނޑުގައި 60 މޭލަށް ވައިޖެހޭނެކަމަށެވެ. ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.



