ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެގޮތުން ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އޭގެ އިތުރުން، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވައިގެން އުޅަނދު ދުއްވުމަށް އެދިފައިވެއެވެ.
ފުލުހުން މިފަދައިން އިލްތިމާސް ކޮށްފައިވާއިރު މެދު ރާއްޖެތެރެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލެއަށް ދަނީ ވަރަށް ބާރަށް ވައިޖެހެމުންނެވެ. އެގޮތުން އިއްޔެ ގަދަ ވަޔާއެކު ވެލާނާގެ ކުރިމަތީގައި ހުރި ގަހެއް ބިންމައްޗަށް ވެއްޓި ގެއްލުންތައް ވަނީ ވެފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ހާދިސާގައި ދުއްވާފައި ދިޔަ ސައިކަލަކަށާއި ޕާކުކޮށްފައި ހުރި ސައިކަލަކަށް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް ލިބިފައިވަނީ ކިހާ ވަރެއްގެ ކޮން ގެއްލުމެއް ކަމެއް ނުބުނެއެވެ.



