2026 ގެ ވޯލްޑް ކަޕަށްފަހު ވެސް ރިޓަޔަރ ކުރަން ބޭނުން ނުވާ ކަމަށާއި އިނގިރޭސި ޓީމަށް ކުޅުމުގެ ފުރުޞަތު އޮތްހާ ހިނދަކު އެ ފުރުޞަތުގެ ބޭނުން ކުރާނެ ކަމަށް އިނގިރޭސި ސްޓްރައިކަރ ހެރީ ކޭން ބުނެފިއެވެ.
31 އަހަރުގެ ކޭން ބުނި ގޮތުގައި އުމުރުން 30 އަހަރު ފުރުމުން ކެރިއަރ ނިމެނީ ކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް އޭނާގެ ކުޅުން މިހާރު ވަނީ އެންމެ މަތީ ފެންވަރުގައި ކަމަށް ކޭން ބުންޏެވެ.
ކޭން ބުނި ގޮތުގައި 2026 ގެ ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހު މުބާރާތަކަށް ނުވާނެއެވެ. އަދި 2028 ގައި އިނގިރޭސިވިލާތުގައި ބޭއްވޭ ޔޫރޯގައި ވެސް ކުޅުމުގެ އުންމީދު އޮތް ކަމަށް އޭނާ ބުންޏެވެ.
ކޭން މިހާރު ކުޅެމުންދަނީ ޖަރުމަނުގެ ބާޔަން މިއުނިކް ޓީމަށެވެ. މި މޫސުމުގައި އޭނާ ވަނީ 61 ލަނޑު ޖަހާފައެވެ. ކޭންއާއި އެންމެ ކައިރިން ވާދަކުރާ ހާލަންޑް ޖަހާފައިވަނީ 53 ގޯލެވެ.



