ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ކ. ގާފަރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓްއިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގާފަރަށެވެ. އެ ރަށަށް 64.1 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ބ. ގޮއިދޫއަށެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހުނީ ބ. ދަރަވަންދޫއަށެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:
- ހދ. ހަނިމާދޫ - 24.6 މިލިމީޓަރު
- ބ. ދަރަވަންދޫ - 29.5 މިލިމީޓަރު
- ބ. ގޮއިދޫ - 36 މިލިމީޓަރު
- ކ. ގާފަރު - 64.1 މިލިމީޓަރު
- ކ. ދިއްފުށި 27.9 މިލިމީޓަރު
- މާލެ - 23.9 މިލިމީޓަރު
- ހުޅުލެ - 28.1 މިލިމީޓަރު
- އއ. ތޮއްޑޫ - 25.1 މިލިމީޓަރު
ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވެސް ވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއަދު 9:00އިން ފެށިގެން 12:00އާ ހަމައަށް މެޓްއިން ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓު ނެރެފައެވެ.



