އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި "އެޑްވާންސް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ކޯސް" ފަށައިފިއެވެ.
މިކަމަށްޓަކައި މޭ 20 ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ ހެޑް އޮފް ޓްރެއިނިންގ، ލެފްޓިނެންޓް ކާނަލް ޗަމިކަ ޖާގޮޑަގެ އިތުރުން ކޯހުގެ އިންސްޓްރަކްޓަރުން ބައިވެރިވެލެއްވިއެވެ.
އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 27 ސިފައިން ބައިވެރިވެފައިވާއިރު، މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރަނީ މި ދާއިރާގެ ތަޖުރިބާ ލިބިފައިވާ ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓްރަކްޓަރުން ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.
އެޑްވާންސް އީއޯޑީ ކޯހަކީ، ލެވެލް 3 ގެ ފެންވަރު ކޯހެކެވެ. މި ކޯހުގައި ކޮންވެންޝަނަލް އެމިއުނިޝަން ޑިސްޕޯސަލްއާއި، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި، އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްޗެހި ރައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އެޑްވާންސް ފެންވަރަށް އުނގަންނައިދޭނެ ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފްއާއި ސްރީލަންކާ އަރމީ ގުޅިގެން ހިންގާ މި ކޯހުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ އެއްބާރުލުން ހަރުދަނާކޮށް، ދެ ޤައުމުގެ މެދުގައި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.



