ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން އޮރެންޖް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފައެވެ. އެ ސަރަޙައްދަށް އޮރެންޖް އެލާޓް ނެރެފައިވަނީ މިއަދު 17:30 އިން ފެށިގެން 20:30 އަށެވެ. މި ވަގުތުގެ ތެރޭގައި ގަޑިއަކު 36 މޭލާއި 42 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ރީނދޫ އެލާޓް ވަނީ ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިއަދު 18:30 އިން ފެށިގެން 20:30 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.



