ގަދަވަޔާއެކު ވެލާނާގެ ކުރިމަތީގައި ހުރި ގަސް ވެއްޓިއްޖެއެވެ.
ގަސް ވެއްޓިފައިވާ ވީޑިއޯއެއް އެކްސްގައި ހިއްސާކޮށް މާލެ ސިޓީ ކައުންސިލުން ބުނީ ވައިގަދަވެ ވިއްސާރަވެ، ވެލާނާގެ ކުރިމަތީގައި ހުރި ގަސް ވެއްޓިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެވަގުތު ދުއްވާފައި ދިޔަ ސައިކަލަކަށާއި ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އިތުރު ވީޑިއޯއެއް ހިއްސާކުރުމަށްފަހު މާލެ ސިޓީ ކައުންސިލުން ބުނީ ބޮޑު ތަކުރުފާނު މަގު ސަން ސިޔާމް ބިލްޑިންގ ކުރިމަތީ ޕާކިން ޒޯނުގައި ހުރި ގަހެއްވެސް ބިންދައިގެން ގޮސްގެން ވެއްޓިފައިވާ ކަމަށެވެ. އަދި ކައުންސިލުން އެ ގަސް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ވިއްސާރަ ދުވަސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭއިން) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ސަރަޙައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދު ވައިބާރުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދީފައިވާ ކަމަށް އެންޑީއެމްއޭ އިން މިއަދު ވަނީ ބުނެފައެވެ.



