މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން މިވަގުތު ކުރިއަށްދަނީ މަގުގެ ކޮޅުގައި ސްޓޯރމް ވޯޓަރ ކެޗްޕިޓް ބެހެއްޓުމަށް ކޮނުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މިއަދު ބުނީ މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ބޮޑުތަކުރުފާނުމަގު ހުޅަނގު ކޮޅާއި ހަމައަށް ކަލްވަރޓް ލައިންގެ ކާސްޓިންގ ގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބިމުގެ އަޑިން ހަދާ ކަލްވަރޓް ލައިންގެ ކާސްޓިންގ ގެ މަސައްކަތް ސައިޓުގައި ކުރިއަށް ގެންގޮސް އެ މަސައްކަތްވެސް ނިންމާލެވިފައިވާ ކަމަށް އާރްޑީސީން ބުންޏެވެ.
އާރްޑީސީން ދާދި ފަހުން ބުނެފައިވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި 24 ގަޑިއިރު މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.
މި މަޝްރޫޢަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ޑިފެންސް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އާރްޑީސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ސަރުކާރުން ބުނެފައިވަނީ މި މަޝްރޫޢަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ފެށި މަޝްރޫޢެއް ކަމަށެވެ.
މި މަޝްރޫޢު ފަށާފައިވަނީ ވެސްޓް ޕާކް ސަރަޙައްދުގައެވެ.



